ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ އުތުރަށާއި އަދި ދެކުނަށް މޫސުމަށް ސަމާލުވުމަށް އަންގައި ގައުމީ މޫސުމާބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށާއި އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ނެރެފައިވާ ވައިޓު އެލާޓުގައި ބުނެފައިވަނީ، މި ސަރަހައްދުތަކުގެ އަތޮޅުތަކުގެ ރައްތަކަށް މިރޭ 11:00 އިން ދަންވަރު 4:00 އާއި ދެމެދުގެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
Alert White for heavy rain ,thunderstorms & gust wind. pic.twitter.com/YxU21L2q5Q
— Maldives Meteorology (@MetMaldives) July 17, 2020
މާދަމާރޭ 08:00 އާއި ހަމައަށް މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ" މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި ހުރިހާ ބޭފުޅުންވެސް މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.



