އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް ގެސްޓް ހައުސްއަކަށް އެކުއްޖާ ގެންގޮސް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓުމަށް އަމުރުކޮށްފައިވަނީ ނ. ލަންދޫ، ޗިޗަންޑާގެ، އިބްރާހީމް ނިހާނު (22އ) އެވެ.
ފުލުހުން ވިދާޅުވީ އިބްރާހީމް ނިހާނު ހައްޔަރުކޮށްފައިވަނީ، 2020 ޖުލައި 05 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަަށް ބިރުދައްކައި، ބްލެކްމެއިލްކޮށް، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 15 ވަނަ ދުވަހުކަމަށެވެ.
އިބްރާހީމް ނިހާނު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލައަކަށްވެފައި، އިބްރާހީމް ނިހާނު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން އިބްރާހީމް ނިހާނު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ އިބްރާހީމް ނިހާނުގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް އެފަރާތުން ކުރަމުންދާކަމަށެވެ.
ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އޭގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ.
ފުލުހުން ވަނީ މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން މި ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުއްވުމަށް ދަންނަވާފައެވެ.




