ޖިންސީ ފުރައްސާރައިގެ ތުޙުމަތުތަކާއެކު ފިޝަރީޒް މިނިސްޓްރީގެ ކޮމިނިއުކޭޝަން ޑިރެކްޓަރުގެ މަޤާމުގައި ހުރި އަޙްމަދު ފަޒީލްގެ މައްސަލަ ބަލަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ނިންމައިފިއެވެ.
އެމްއާރުއެމްއިން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ މަޤާމެއްގައި ހުރި މީހަކާއިމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުޙުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ މިހާރު ބަލަމުންދާކަމަށެވެ. އަދި މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތް ތަކުން އޭނާ އެކަހެރި ކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
މި ޕާޓީގެ މަޤާމެއްގައި ހުރި މީހަކާއިމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުޙުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ މި ޕާޓީއިން މިހާރު މި ދަނީ ބަލަމުންނެވެ. މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތް ތަކުން އޭނާ ވަނީ އެކަހެރި ކުރެވިފައެވެ.
1/2
— Maldives Reform Movement (MRM) ?? (@MRM_Office) July 19, 2020
އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު އެ ޕާޓީން ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށާއި، ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ އެ ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫންކަމުގައި އެމްއާރުއެމްގެ މިޓްވީޓުގައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީގެ ކޮމިނިއުކޭޝަން ޑިރެކްޓަރު އަޙްމަދު ފަޒީލްގެ މައްޗަށް ކުޑަކުއްޖަކު ރޭޕްކުރުމުގެ އިތުރުން އެފަދަ މަންޒަރުތައް ފެންނަ މެސެޖުތައް އެހެން މީހުންނަށް ފޮނުވާކަމުގެ ތުޙުމަތުތައް މީސްމީޑިއާގައިވަނީ ފެންމަތިވެފައެވެ.
މިފަހަކަށް އައިސް ސަރުކާރުގެ އެކި މަޤާމުތަކުގެ ގިނަ މުވައްޒަފުންތަކެއްގެ މައްޗަށް ޖިންސީ ގޯނާއާއި ފުރައްސާރައިގެ ތުޙުމަތުތައް ކުރެވިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ މައްސަލަތަކުގެ ބައެއް މީހުންވަނީ ސަރުކާރުގެ މަޤާމުތަކުން ދުރުކޮށް ނުވަތަ ވަކި ކޮށްފައެވެ.