ނަފްރަތުގެ ބިލާއި އެމްއާރުއެމްވެސް ދެކޮޅު ހަދައިފި

ނަފްރަތުގެ ކުށް މާނަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ އިސްލާހުތަކަށް ތާއިދު ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯރމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ސަރުކާރު ކޯލިޝަންގައި އޮތް އެމްއާރްއެމް އިން ބުނީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގާބާތު އަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ނުކުރެވޭ ކަމަށް އެމްއާރްއެމް އެކްސްކޯ ގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

އެމްއާރްއެމް އިން އިތުރަށް ބުނީ އެ ބިލުގައި ހުރި ކަންބޮޑުވުންތަށް ސަރުކާރާއި ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ.

މި ބިލްގައި ބުނެފައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވަނީ ބޮޑެތި އަދަބު ލިބޭ ކުއްތަކެއްކަމަށް ހަދާފައެވެ.

ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި މި ބިލްގެ ސަބަބުން ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ދައްކާ އަދި އެފަދަ ޢަމަލުތައް ހިންގާފަރާތްތައް އިތުރުވެ އެފަދަ ފަރާތްތަކަށް ރައްކާތެރިކަމާއި ހިތްވަރު ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ