މުއްދަތު ހަމަވެފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑަށް އޮގަސްޓް މަހުގެ ނިޔަލަށް ޚިދުމަތް ލިބޭނެ ކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވެއްޖެއެވެ.
މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ޚިދުމަތް ހޯދޭނެ ގޮތް އެ ޑިޕާޓްމަންޓުން އިންތިޒާމް ކުރައްވާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އައިޑީކާޑް ހެއްދުމުގެ މަސައްކަތްތައް އެ ޑިޕާޓްމަންޓުން ހުއްޓާލުމާއި ގުޅިގެންނެވެ. އެގޮތުން އެ ޑިޕާޓްމަންޓް އިން ވިދާޅުވެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ ދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދު ކަނޑާލެވިފައިވާކަމަށެވެ.
އޭރު މި ޚިދުމަތް މެދުކަނޑާލުމާއި ގުޅިގެން އެޑިޕާޓްމަންޓުން ވަނީ އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދޭންވާނެކަމަށް ވިދާޅުވެފައެވެ.
މުއްދަތު ހަމަވެފައިވާ އައިޑީކާޑަށް ޚިދުމަތް ހޯދޭނެ މުއްދަތު ފުރަތަމަ އޮތީ 2020 ޖޫން 30 ގެ ނިޔަލަށެވެ. ނަމަވެސް އެޑީޕާޓްމަންޓުން އެ މުއްދަތު 31 ޖުލައިގެ ނިޔަލަށް އިތުރު ކޮށްފައިވާއިރު، މިއަދު އެ މުއްދަތު އަލުންވަނީ އޯގަސްޓް މަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ.
އެ ޑިޕާޓްމަންޓުން މި ގޮތަށް ނިންމާފައިވަނީ އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ އެ ޑިޕާޓްމަންޓަން ލިބިފައިވާތީއެވެ.
އެޑީޕާޓްމަންޓް އިން ވިދާޅުވެފައިވަނީ މިގޮތަށް މުއްދަތު އިތުރުކުރެވުނު ކަމުގައި ވީނަމަވެސް އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅުއްވޭނެ ކަމަށެވެ.



