ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި އޮއްވާ އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އަންގަވައިފިއެވެ.
މިސަރުކާރުން ދީބާޖާއަށް ބަދަލު ދިނުމަށް ނިންމީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް މި ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓު ކޮމެޓީ އާއި އެކުގައި މަޝްވަރާތައް ކުރުމަށްފަހުއެވެ.
އެކަމަކު، ރައީސް ވަކި ހިސާބަކުން އެ ނިންމެވުން ބަދަލުކުރައްވައި، ދީބާޖާ އަށް ބަދަލު ދޭންޖެހޭ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް މި އަހަރުގެ ޖެނުއަރީ 22 ގައި އެންގެވި އެވެ. އެ އެންގެވުމާ އެކު، އެ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި، އެ ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ މާޗު މަހުގެ ކުރީކޮޅު ބަލައިގަނެފަ އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި އޭގެ ފަހުން އަދި ކުރިއަކަށް ގެންގޮސްފައެއް ނުވެއެވެ.
ދީބާޖާއަށް ބަދަލު ދިނުމާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓެއްގައި ބުނީ، 2010ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު އެކުންފުންޏާއި އެކުގައިހެދި އުތުރު ޕްރޮވިންސް ފެރީގެ ދަތުރުފަތުރުގެ ހިދުމަތް އޭރުގެ ޓްރާންސްޕޯޓު މިނިސްޓްރީން ބާތިލް ކޮށްފައި ވަނީ އެއްބަސްވުމާއި އެއްގޮތަށް ހިދުމަތް ފޯރުކޮށްދެވިފައި ނުވާތީ ކަމަށާއި، އޭރުގެ ޓްރާންސްޕޯޓު މިނިސްޓްރީން އެއްބަސްވުން ބާތިލް ކުރީ 2013ވަނަ އަހަރުގެ މެއި މަހުގެ 30ވަނަ ދުވަހު ކަމަށެވެ.
Audit Report: Special Audit Report (North Province Ferry Transport Network 2010)https://t.co/tVXyevCzoz
— AGO (@AuditMV) July 22, 2020



