އަދީބު ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން އެދިއްޖެ

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން ހައިކޯޓުގައި މިއަދު އެދިއްޖެއެވެ.

އަދީބުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން އުފުލި 7 ދައުވާ ބާޠިލްކަމަށް ކްރިމިނަލް ކޯޓުން 14 ޖުލައި 2020 ގައި ޙުކުމް ކުރުމާއި ގުޅިގެން މި މައްސަލަތައް ހައިކޯޓަށް އިސްތިޢުނާފު ކުރި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އަދީބު ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން ހައިކޯޓުގައި އެދިފައެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބު އެދިފައިވަނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށެވެ. އަދި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމަށްފަހު އަދީބުގެ ބަންދާއި މެދު ވަކި ގޮތެއް ނިންމުމަށް މިއަދު15:00 ގައި އަޑުއެހުން ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

މި އަޑުއެހުމުގައި ދައެލަތުންވާ ވާހަކަ ދައްކަވަމުން ބުނެފައިވަނީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި އެއްގޮތައް އަދީބު ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމުން، އަދީބު ބަންދު ކުރުމުގެ އަމުރަކަށް އެދުނީކަމަށެވެ. ދައުލަތުން ވިދާޅުވެފައިވަނީ އަދީބަކީ މީގެ ކުރިން ވެސް ފިލަން މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އަދީބާއި ދެކޮޅަށް އުފުލިފައިވާ 7 ދައުވާ އަކީ ޖިނާޢީ އިޖުރާޢަތުގެ 22 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ބޮޑެތި ކުށްތަކުގެ ގޮތުގައި ހިމެނޭ ކުށްތަކެއްކަމާއި އެހެންކަމުން އެމައްސަލަތައް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށެވެ.

ޖަވާބު ދެއްވުމަށް އަދީބަށް ދިން ފުރުސަތުގައި ވިދާޅުވެފައިވަނީ، މިއަދުގެ އަޑުއެހުން ތާވަލް ކޮށްފައިވާކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ވަކީލެއް ހޯދުމަށް ކުރި މަސައްކަތް އަދި ނާކަމިޔާބު ވެފައިވާކަމަށާއި ވަކީލެއްގެ ހައްޤަކީ ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި ބަންދުގެ އަމުރަކަށް ދައުލަތުން އެދިފައި ވާއިރު މިމަރުހަލާގައި ވެސް ޤާނޫނީ ގޮތުން ފާހަގަ ކުރަން ޖެހޭ ގިނަ ނުކުތާތަކެއް އެބަހުރި ކަމަށާއި އެއީ ޤާނޫނީ ވަކީލަކާއި ނުލައި އަޅުގަނޑަށް ހޯދޭނެ ޙައްޤެއް ނޫން ކަމުގައި އަދީބު ވިދާޅުވިއެވެ. އަދި  އަދީބު ވީމަ ދައުލަތުން ވަކިގޮތަކަށް ކަންތައް ކުރަން މަސައްކަތް ކުރާކަމަށާއި އަބަދުވެސް ދައުލަތުން ބޭނުން ވަނީ އަދީބު ވީމަ ފިއްތާލައިގެން، ގޮޅިއަކަށް ލައިގެން، ހައްޔަރުކޮށްގެން ކަންކަން ކުރަން ކަމުގައި އަދީބު ވިދާޅުވިއެވެ.

މިއަދުގެ މިއަޑުއެހުމަކީ އަދީބާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ހަތް ދައުވާގެ މައުލޫއާއި ގުޅޭ ގޮތުން ވާހަކަދައްކަން ތާވަލް ކުރި އަޑުއެހުމެއް ނޫންކަމަށާއި މިއީ ދައުލަތުން އެދިފައިވާ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީހެއް ކަމަށް ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބައްލަވާ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވިއެވެ.ެ އަދި މިއަދުގެ 15:00 ގައި ބާއްވާ އަޑުއެހުމައް ވަޑައިގަންނަވާއިރު ވަކީލަކާއި އެކު ވަޑައިގެންނެވުން އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ