އިންޑިއާ ކަނޑުގައި ދިވެހިން އަބަދުވެސް ތިބޭނީ ވަރުގަދަ ކަމާއެކު: ނަޝީދު

އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން، އަޅުގަނޑުމެންގެ ސިފައިން މިތިބީ އަޅުގަނޑަށް ޔަގީން ކަށަވަރު މިރާއްޖޭގެ މިނިވަންކަން ކުޑަ މިންވަރަކަށްވެސް ދޫކުރަން ނޫން ކަމަށާއި، އިރާދަކުރެއްވިއްޔާ އިންޑިއާ ކަނޑުގައި ދިވެހިން އަބަދުވެސް ތިބޭނީ ވަރުގަދަ ކަމާއެކު ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިއަދު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން، އަޅުގަނޑުމެންގެ ސިފައިން މިތިބީ އަޅުގަނޑުމެންނަށް ޔަގީން ކަށަވަރު މި ރާއްޖޭގެ މިނިވަންކަން ކުޑަ މިންވަރަކަށް ވެސް ދޫކުރާކަށެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެސް ތަފާތު ފިކުރުތައް އުފެދިގެން ދާ ކަމަށާއި، އެގޮތުން އެއް ދައުލަތެއްގެ ގޮތުގައި އަރަބި ކަރަ ބޭއްވުމުގެ ވިސްނުމުގައި މަސައްކަތް ކުރާ މީހުން ރާއްޖެ ވެސް އޭގެ ތެރެއަށްލުމަށް މަސައްކަތް ކުރާ ކަމަށެވެ.

"ޝާމް އާއި އެނގިވަޑައިގަންނަވާނެ އައިއެސް ޖަމާއަތުން އެ ހިންގާ މަސައްކަތްތަކުގައި ދިވެހި ރާއްޖެއަކީ އެ މީހުންގެ ދައުލަތުގެ ގޮތުގައި ހިމެނޭ ބައެއްގެ ގޮތުގައި ހެދުމަށް މި ތަނުގައި އެ މީހުންގެ ނެޓްވޯކް ހިންގާ. އެއީ މިހާރު ރާއްޖޭގެ އިދާރާތަކަށް ސާފުވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ބުއްދިވެރިކަމާ އެކުގައި ކަމަށެވެ. ދިވެހިންގެ މިނިވަންކަން "ގުޑުވާލެވޭނެ" އިތުރުބާރެއް ނުވަތަ އިތުރުގޮތެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މި ކަނޑަކީ އަޅުގަނޑުމެންގެ ކަނޑު. މި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން. މިކަނޑުގެ ހަމަޖެހުން ހުއްޓިފައި އޮތީ ދިވެހިންގެ އަމަލުތަކުގެ މައްޗަށް ވެސް މެ. ދިވެހި ރާއްޖޭގެ ހަމަޖެހުމާއި ދިވެހި ރާއްޖޭގެ ސަލާމަތް ތެރިކަން އެއީ ޝައްކެއް ވެސް ނެތް ގޮތުގައި އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އަށް ހިމާޔަތް ދިނުމަށް ދިވެހި ދައުލަތާއި އިނގިރޭސީންނާ ދެމެދު އެއްބަސްވެވުމަކަށް އައީ 1888 ވަނަ އަހަރު ކަމަށާއި، އެ އެއްބަސްވުން ބަދަލުކޮށް ދިވެހިންނަށް ހާރިޖީ ގުޅުން ބޭނުންބަޔަކާ އެކު ބޭއްވުމުގެ ފުރުސަތު ލިބުނީ 1965 ވަނަ އަހަރުގެ ހެދި އެއްބަސްވުމާ އެކުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ