ކޮވިޑް-19: ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަނީ މައްޗަށް!

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދުވަސްވީ މީހުން ގިނަވާތީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު ގިނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ، ކޮވިޑްގެ އެންމެފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ، ނަޒްލާ ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު އިތުރުވަމުން ދާކަމަށާއި އަދި ބަލި ޖެހޭ ދިވެހިން އިތުރުވަމުން ދާކަންވެސް ފާހަގަކުރެވޭކަމަށެވެ.

މާލޭ ސަރަހައްދުގައި އޮތް ބަލީގެ ބިރުވެރިކަމެއް އެއްގޮތަކަށްވެސް ފިލައިގެން ނުދާކަމަށާއި މިހާރު ޓްރެންޑަށް ބަލާއިރު ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެ އަނބުރާ ފުލް ލޮކްޑައުންއަކަށް ދިއުމުގެ ކުރިން ބައްޔާއި އެކީގައި އުޅެން ދަސްކުރަން ޖެހޭނެ ކަމަށެވެ.

ކޭސްތައް ފެންނަ މިންވަރު މަދުވާން ފެށުމުން ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާއިރު، ތިންވަނަ ފިޔަވަހީގެ ލުއިތަކާއި ހިސާބަށް އާދެވިފައި ވަނިކޮށް އަނެއްކާވެސް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ފަދަ މޭރުމަކުން ޑރ. ނަޒްލާ ރޭވަނީ ވާހަކަދައްކާފައެވެ.

ރާއްޖޭގެ މިހާރުގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަގްސަދަކީ ވިހާވެސް ތަފްސީލްކޮށް އެމީހަކު ކޮންޓެކްޓްވި ފަރާތްތައް ހޯދުންކަމަށާއި އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު ރަނގަޅު މައުލޫމާތު ދިނުން ވަރަށް މުހިއްމު ކަމަށެވެ.

“ތަފްސީލުކޮށް ހުރިހާ މައުލޫމާތު ދިނުން މުހިއްމު. އަޅުގަނޑުމެން މިތާ މި ތިބެނީއަކީ އެއްވެސް ބަޔަކު ޖަޖުކުރާކަށް ނޫން. އަޅުނޑުމެންގެ މަގްސަދަކީ ވިހާވެސް ފަތްސީލްކޮށް އެމީހަކު ކޮންޓެކްޓްވި ފަރާތްތައް ހޯދުން.” ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ބައެއްފަހަރު އިތުރަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު ކުރީގެ ޕޮޒިޓިވް ކޭސްއާ ކޮންމެވެސް ގޮތަކަށް ލިންކްވާ ފަރާތްތައް ހިމެނޭ ކަމަށެވެ. މިހެން މިގޮތަށް ވަނީ ސައްހަ މައުލޫމާތު ނުދިނުމުންކަމަށް ނަޒްލާ ފާހަގަކުރިއެވެ.

ސައްހަ މައުލޫމާތު ކުރިން ދީފިނަމަ އެ ފަރާތްތައް ކޮންޓެކްޓްވި މީހުންގެ ގޮތުގައި ރަޖިސްޓަރކޮށް ކަރަންޓީންކޮށް، ސާމްޕަލް ނެގުމުގެ ކަންތައް ކުރިއަށް ދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އިތުރު މީހުންނަށް އެކްސްޕޯސް ވުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ