ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ފްރަންޓްލައިން އެލަވަންސް ދޭން ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދެވޭ ފްރޮންޓްލައިން އެލަވެންސް މިއަދު ދޭން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ފްރަންޓްލައިން އެލަވަންސް ދޭން ފަށާފައި މިވަނީ އެ އެލަވަންސް ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޮވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާއި ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.
މީޑިއަމް ރިސްކު މީހުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.



