އެމެރިކާގައި ކަޅުނަސްލުގެ މީހުންގެ ހައްގުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ބައިވެރިވި އަންހެނަކު ވަގަށް ނެގިކަމުގެ ތުހުމަތު އެމެރިކާގެ ނިއުޔޯކު ސިޓީގެ ފުލުހުންގެ މައްޗަށް ކޮށްފިއެވެ.
މުޒާހަރާގައި ބައިވެރިވި އަންހެންމީހާ ހައްޔަރުކުރާ ވީޑިއޯ މިހާރު އާންމުވެފައިވާއިރު މި ވީޑިއޯއިން ފެއްނަނީ އާންމު ހެދުމުގައި ތިބި ބަޔަކު މުޒާހަރާގެ ބައިވެރިންގެ ތެރެއިން އަންހެނަކު ވޭނަކަށް އަރުވައިގެންދާ މަންޒަރެވެ.
ފުލުހުންގެ ފަރާތުން މިފަދަ ހާދިސާއެއް އަންގާރަ ދުވަހުގެރޭ ފެނިގެން ގޮސްފައި މިވަނީ އެމެރިކާގެ ޕޯރޓްލެންޑް ސިޓީގައި މުޒާހަރާކުރަމުންދިޔަ ފަރާތްތަކާއި ދެކޮޅަށް ފެޑަރަލް އެޖެންޓުން މިފަދަ ހާދިސާތަކެއް ހިނގިކަމުގެ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
މިފަހަރުގެ ހޫނުމޫސުން އެމެރިކާއަށް ވެގެން ގޮސްފައިވަނީ މުޒާހަރާތައް ކުރުން ގިނަ ފަހަރެއްގެ ގޮތުގައެވެ. މިގޮތުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެމެރިކާގެ ފުލުހުން އަމަލުކުރާ ގޮތާއި ދެކޮޅަށާއި އަދި ކަޅުނަސްލުގެ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް މުޒާހަރާ ކުރަމުންނެވެ.
ނިއުޔޯކު ސިޓީގެ ފުލުހުން ފަހުންވަނީ މުޒާހަރާގައި ބައިވެރިވި އުމުރުން 18 އަހަރުގެ ސްޓޯން ނަމަކަށްކިޔާ އަންހެނަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި ސްޓޯން ހައްޔަރުކޮށްފައިވަނީ ސިޓީ ހޯލް ކައިރީހުރި ފުލުހުންގެ ކެމެރާތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ކަމަށް ބުނެފައެވެ.
ސްޓޯން މިހާރު ދޫކޮށްލައިފައި ވާއިރު ސްޓޯންގެ މައްސަލަ މިހާރުވަނީ ކޯޓުގައި ދައުވާ ކޮށްފައެވެ. ސްޓޯން ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާތަނަށް ގިނަ ބަޔަކު ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.



