ކޮވިޑް-19 ގެ ކޭސްތައް އިތުރުވާނަމަ އިތުރު ގްރޭޑްތަކަށް މާލޭގައި ކިޔަވައިދޭން ނުފެށިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އަންނަ މަހު 15 ގައި އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ފެށޭނެއޭ ބުނަަން އުނދަގޫ ކަމަށާއި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާނަމަ ސްކޫލްތަކުގައި އިތުރު ގްރޭޑްތަކަށް ކިޔަވައިދޭ ނުފަށާނެ ކަމަށެވެ.
އަދި އަޅުގަނޑުމެން މިހާރު އަޅާ ފިޔަވަޅުތަކަށް މީހުން ތަބާ ނުވެ ކޭސްތައް އިތުރުވާނަމަ ސްކޫލްތައް ނުހުޅުވޭނެ ކަމަށް ގަބޫލު ކުރާކަމަށާއި ފިޔަވަޅުތަކަށް އަމަލު ކުރާނަމަ ކޭސްތައް ކޮންޓްރޯލް ކުރެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
"އެހެން ނަމަވެސް އެ ކޮންޓްރޯލްކުރުމުގެ ބަދަލު ފެންނަންވެސް ވަގުތު ނަގާނެ. މިހާރު ތަންކޮޅެއް އަވަސް އޮގަސްޓް 15 އާ ހިސާބަށް އެއްޗެއް ދަންނަވަން އުނދަގޫ" އަމީން ވިދާޅުވިއެވެ.
ސްކޫލްތައް ހުޅުވުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި އެކަމާ ބެހޭ މާއުލޫމާތު ހިއްސާ ކުރާނެކަމަށް އަމީން ވިދާލުވިއެވެ.
މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މިހާރުގެ ކޮވިޑް-19 ގެ ހާލަތަށް ބަލައި އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗް.ޕީ.އޭ) ގެ ލަފަޔާއެކު ގްރޭޑް 7 އަދި 8 ގެ ކިޔެވުން މާލެ ސިޓީގެ ސްކޫލުތަކުގައި އޮގަސްޓް 16 ގައި ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްކޫލް ތަކުގެ ކިޔެވެން ހުއްޓާލާފައި އޮތުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު، މާލެ ސިޓީ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ރަށްތަކުގެ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔެވުން ވަނީ ޖުލައި 1 ގައި ފަށައިފައެވެ. އަދި މާލެ ސިޓީގެ ސްކޫލުތަކުގައި ކިޔެވައިދެމުން އައީ ހަމައެކަނި ގްރޭޑް 9 ން 12 އަށެވެ.