ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 18 މިލިއަނަށް އަރައި، އެބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 18,095,675 އެވެ. އަދި މިބަލީގައި 690,030 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ.
މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަސް ޖެހިގެން މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 158,039 މީހަކު މަރުވެފައި ވެއެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ ބްރެޒިލް އިންނެވެ. އެޤައުމުން މިހާތަނަށް 93,616 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.
ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ މެކްސިކޯ އިންނެވެ. އެޤައުމުން މިހާތަނަށް 47,472 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.
މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ ހިމެނެއެވެ.



