މޫސުން ގޯސްވާނެކަމަށް ލަފާކޮށް 3 އަތޮޅަކަށް އެލާޓު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް 3 އަތޮޅަކަށް ވައިޓް އެލާޓު ނެރެފި އެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ތ، ލ އަދި ގއ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށެވެ.

އެގޮތުން އެ 3 އަތޮޅަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 12:40 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށެވެ. މެޓު އޮފީހުން ބުނެފައިވަނީ އެ ވަގުތުގައި އެ 3 އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މި އެލާޓުގައި ވަނީ ބުނެފައެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓު އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށާއި އުތުރުގެ ކަނޑުތަށް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި އިތުރަށް ގަދަ ވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މެޓު އޮފީހުން ބުނީ ރާޅުގެ އުސްމިން ހުންނާނީ ދެކުނުގައި 6 - 3 ފޫޓާއި ދެމެދުގައި ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެން ވާކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ