މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް މޫސުމާ ބެހޭ ގައުމި އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ދެންމެ ނެރެފައިވާ ޔެލޯ އެލާޓް ގައި ބުނެފައި ވަނީ މިރޭ 09:30 އިން ފެށިގެން 01:00 އާއި ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑު ސިޓީ އާއި ދެމެދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި ދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއްކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް މޫސުމާ ގުޅޭ އެލާޓް ނެރެމުންނެވެ. އެގޮތުން މިރޭވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައެވެ.
Alert Yellow for Torrential rain pic.twitter.com/H1kogdBuQL
— Maldives Meteorology (@MetMaldives) August 5, 2020
ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ވިދާޅުވެފައި ވަނީ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށެވެ. ރާޅުގެ އުސްމިން ދެކުނުގައި 2 އާއި 4 ފޫޓު އަދި މެދުރާއްޖެތެރެއާއި އުތުރުގައި 3 - 6 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.




