ކައިރި ކައިރީގައި ސަފު ހެދުމާއި މެދު ރާއްޖޭގެ އިލްމުވެރިންގެ ފަތުވާ ބަދަލުނުވާތީ ޝަހީމް އަޖައިބުވެއްޖެ

ކައިރި ކައިރީގައި ސަފު ހެދުމާއި މެދު ރާއްޖޭގެ އިލްމުވެރިންގެ ފަތުވާ ބަދަލުނުވާތީ އަޖައިބުވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ "ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލެއް ނުވޭ" މި ސުރުޙީއަށް ރާއްޖެ އެމްވީގައި ޝެއިޙް ހުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ ލިޔުމެއް ޓްވީޓް ކުރައްވަމުން ނެވެ.

އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ވަގުތާ ޙާލަތާ ގުޅިގެން ފަތުވާ ބަދުވާންޖެހޭނެ ކަމަށެވެ. އެއީ ޢައިބެއް ހުރި ކަމެއްނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަތުވާ މިކަމުގައި ބަދަލު ނުވާތީވެ، އަޖައިބު ވާކަމަށެވެ. އަދި ބަލި ފެތުރުނު ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވާޖިބުކަމެއް ވެސް ޝަހީމް ވިދާޅުވެފައި ވެއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެންވެސް ރާއްޖޭގައި ނަމާދުގައި ސަފު ހެދުމާއި މެދު އިލްމުވެރިންގެ މެދުގައި ވަނީ ދެބަސްވުމެއް އުފެދިފައެވެ. އެގޮތުން ބައެއް ބޭފުޅުން މިހާލަތުގައި ދުރު ދުރުގައި ސަފު ހެދުމަށް ގޮވާލައްވާއިރު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ސަފު ހަދާނީ ގައިދުރުކަން ނުބަހައްޓާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ