އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަން ތަކަށް އިންޗާޖުން ހަމަޖައްސައިފި އެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ ގޮތުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ކަނޑައަޅާފައިވާއިރު، ގަން ޕޮލިސް ސްޓޭޝަނަށް ކަނޑައަޅާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޝްވީނާ އަޙްމަދުއެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުއީން އެވެ.
މި ބަދަލާއެކު އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ހަމަޖެހުނު ކޮމިޝަންޑް އޮފިސަރުން މިހާރުވަނީ އެސްޓޭޝަންތަކާ ހަވާލުވެ، މަސައްކަތް ކުރައްވަން ފައްޓަވާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާ ހަވާލުވެލެއްވި އޮފިސަރުން އިއްޔެ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް އާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވާފައި ކަމަށެވެ.
އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅާފައިމިވަނީ ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް އަތޮޅުތަކުގައި ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހާއްސަކޮށް ސިޓީތަކުގައި ދެމުންދާ ފުލުހުންގެ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.




