ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނާއި ގާތަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިއަދުގެ މިހާތަނަށް އެކަނިވެސް އިތުރު 33,239 މީހަކަށް ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,996,478 އަށް އަރާފައެވެ.
އިންޑިއާއިން މިއަދު އިތުރު 359 މީހަކު ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވާއިރު، އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 41,098 އަށް އަރާފައެވެ.
ދުވަހެއް ދުވަހަކަށް އިންޑިއާއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އިންޑިއާ އަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.



