ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިރޭވެސް ވާރޭ ވެހޭނެ!

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިރޭވެސް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިގޮތަށް ވިދާޅުވީ، މިރޭގެ 20:00 ން މިރޭ ދަންވަރު 01:00 އަށް ނެރެފައިވާ ހުދު އެލާރޓްގައެވެ. މިއެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށާއި ހަމައަށެވެ.

އަދި މިއެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ވަގުތުތަކަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ގުގުރުމާއެކު، ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ވިދާޅުވިއެވެ

"ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާއި ދެމެދުގެ  ބާރުމިނެއްގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ." އެއިދާރާއިން ވިދާޅުވިއެވެ.

މީގެއިތުރުން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި، ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 5 - 7 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށެވެ.

އާންމުކޮށް ހުރިހާ ފަރާތްތަކުން ޙާއްސަކޮށް ކަނޑު ދަތުރު ކުރާއްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ