ރިޟްވާނަށް ވީގޮތް އެނގޭ އިތުރު ބަޔަކު ތިބެދާނެ: މަރު ކޮމިޝަން

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ އަށް ވީގޮތް އެނގޭ އިތުރު ބަޔަކު ތިބެދާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ މަރު ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރިޝްވާން ޢަބްދުﷲ ގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވައިލުމާއި ގުޅޭ އިތުރު މަޢުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށެވެ.

އަދި އެފަދަ ފަރާތެއް ވާނަމަ، އެފަރާތްތަކުން އެ މަޢުލޫމާތު ކޮމިޝަނާއި ޙިއްޞާ ކުރުމުގެ ފުރުޞަތު އަދިވެސް އޮތްކަން ކަމަށާއި އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވެސް އަރުވާ ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

އަދި ރިލްވާންގެ ޢާއިލާއާއި، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭގި ގެއްލިފައިވާ އެހެނިހެން މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މި ކޮމިޝަނުން ބުރަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް އެ ބަޔާނުގައި ވެެއެވެ.

ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެ ކޮމިޝަނަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް ޢައްޔަނުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މަރު ކޮމިޝަނުގެ ބަޔާނުގައި އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާތަކާއި އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށްފަހު ކަމަށް ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ