އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްވެސް ދެ ދުވަހަށް ބަންދު ކޮށްފިއެވެ.
އެ ސްކޫލް ދެ ދުވަހަށް ބަންދު ކޮށްފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން އެރަށް މޮޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެންނެވެ. އެގޮތުން މާދަމާ އަދި އަންގާރަ ދުވަހު ވެސް އެ ސްކޫލްގެ ކިޔެވުން ނުބޭއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. ޝަރަފުއްދީން ސްކޫލްގެ އިތުރުން ހިތަދޫގެ ހުރިހާ ސްކޫލްތަކެއްވެސް ބަންދު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ މިއަދު ހެންދުނު 09:00 ގައެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެންދިއުމާއި ގުޅިގެން އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި، އަދި އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައެވެ.
ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު، އެރަށުގައި ހޯމް ކަރަންޓީން ގައި ހުރި ބިދޭސީއަކު މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަނެއްކާވެސް ހަލުވި ކަމާއެކު ފެތުރެން ފަށާފައި ވާއިރު، މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ފޮނުވުން ވަނީ އިތުރު ދެ ހަފްތާއަށް މެދުކަނޑާލައިފައެވެ. މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ފޮނުވުން މެދުކަނޑާލައިފައި ވަނީ މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 7 އަދި 8 ގެ ކިޔެވުން އޮގަސްޓް 16 ގައި ފެށުމަށް އިޢުލާނު ކޮށްފައި ވަނިކޮށެވެ.
މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ފޮނުވުން މެދުކަނޑާލައިފައި ވީނަމަވެސް ރާއްޖޭގެ އެހެން ހުރިހާ ސްކޫލްތަކެއްގައިވެސް ގްރޭޑް 1 އިން 12 އަށް އަންނަނީ ކިޔަވައި ދެމުންނެވެ.



