ބިދޭސީންގެ ބަޔެއް ވަކީލުން އަންނަނީ ފުލުހުން ބަދުނާމުވާގޮތަށް ވާހަކަ ދައްކަމުން: ފުލުހުން

ބ.ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރެވުނު 19 ބަންގްލަދޭޝް މީހުންނަށް އައްޔަންވި ވަކީލުންގެ ތެރެއިން ބައެއް ވަކީލުން ފުލުހުންގެ މުއައްސަސާ ބަދުނާމު ވާގޮތަށް މީޑިއާގެ ވަސީލަތްތަކުގައި މަޢުލޫމާތު ޢާންމު ކުރުމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންނަށް އައްޔަންވި ބައެއް ވަކީލުން 19 ބިދޭސީންގެ ނަމުގައި، އެ 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ މީސް މީޑިއާއާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މިމައްސަލައިގެ ތަޙްޤީޤާއި، ފުލުހުންގެ މުއައްސަސާއާއި، ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރައި ފުލުހުންގެ މަސައްކަތަކާއި މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

ހައްޔަރުކުރެވުނު ބިދޭސީންގެ ތެރެއިން ފަސް މީހަކަށް ދައުލަތުން ވަކީލުން އައްޔަންކޮށްފައިވާއިރު އިތުރު ފަސް މީހަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ވަކީލުން ޢައްޔަން ކޮށްފައިވާ ކަމަށާއި މިދެންނެވި 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަ ދައްކާ ނޫސް ބަޔާން ނެރެމުންދަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވާ 19 ބިދޭސީންގެ ތެރެއިން 10 ބިދޭސީންގެ ވަކީލުންގެ ގޮތުގައި އައްޔަންކޮށްފައިވާ ވަކީލުންނާ އެނގުމެއް ނެތިކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން މިބަޔާނުގައި ބުނެފައިވަނީ، "ބޮޑުފިނޮޅުން ހައްޔަރުކުރެވުނު 19 ބިދޭސީންގެ ޤާނޫނީ ވަކީލުންގެ ނަމުގައި މަދު ވަކީލުންތަކެއްގެ ފަރާތުން ތަޙްޤީޤަށް ޤަސްދުގައި ހުރަސްއަޅައި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އުޅޭކަމަށް ބެލެވޭގޮތަށް މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުން ލައްވާ ތަޙްޤީޤް ރެކޯޑިންގ ތެރޭގައި ބުނުވަން އުޅުމާއި، އެމީހުންނަށް ލިބެންޖެހޭ މުސާރައާއި ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރުކުރުވާކަން" ތަހްގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިހެންކަމުން މިގޮތަށް އަމަލުކުރަމުންދާ ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުމަށް މިހާރު ނިންމައިފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ. މިއާއެކު މިކަން ވެގެންދާނީ ފުލުހުންގެ އިދާރާއިން ވަކީލުންތަކެއްގެ މައްސަލަ ބާކައުންސިލަށް ހުށަހަޅާ ފުރަތަމަ ފަހަރަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ