ދިވެހި ދައުލަތް ބަނގުރޫޓްވީ ރައީސް ޞާލިޙުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ދިވެހި ދައުލަތް މިހާލަތައް ވެއްޓުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކޮށްފައި އޮތް ގޮތުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތް ބަގުނރޫޓްވީ ރައީސް ޞާލިޙުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށެވެ.
އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ދިވެހި ދައުލަތް ބަނގުރޫޓު ވެފައިވަނީ ރައީސް ޞާލިޙުގެ ނާގާބިލް ކަމުން ކަމަށާއި ދައުލަތުގެ ޚަޒާނާއިން އިންތިހާއަށް ވައްކަންކުރާކަމަށެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔައީ އިގްތިޞާދު މެނޭޖްކުރަން ނޭގުމުން ކަމަށާއި މީ އެމް.ޑީ.ޕީއިން ވެރިކަމާ ޙަވާލުވާ ކޮންމެ ފަހަރަކުވެސް ކަން ހިނގާގޮތް ކަމަށް ވިދާޅުވިއެވެ. އަދި މީ ފެންނަން އޮތް ޙަގީގަތްކަމުގައި އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާކަމަށް ބުނެ، ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު މަޖިލިހަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް މުޅި ދައުލަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަރުވާލާފައިވާ ކަމަށެވެ.
ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލު އެޅި ވާހަކަ ދައްކާއިރު އެތަންތަން ހެދީ ކިހާ ފައިސާއެއް ހަރަދުކޮށްގެން ކަމަށާއި އަމިއްލަ ޖީބާ ތިމާގެ މީހުންގެ ޖީބަށް ވަން ފައިސާގެ އަދަދުތަކަކީ ކޮބައިކަން ބަލަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.



