ރާއްޖޭގެ ދެކުނުގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށެވެ.
މެޓް އޮފީހުން ނެރުނު "ވައިޓް އެލާޓް" ގައި ބުނެފައިވަނީ، މިރޭ 21:00 އިން ފެށިގެން މެންދަމު 02:00 އާ ދެމެދުގެ ވަގުތުތަކުގައި ތ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
މީގެ އިތުރުން އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ALERT WHITE
— Maldives Meteorology (@MetMaldives) May 21, 2019
INFORMATION:
Heavy rain and thunderstorms with gust winds of 40 mph expected.
Area: From Thaa atoll to Addu city.
Period: 21/2100 hrs - 22/0200 hrs.
ISSUED: 2045 hrs, 21 May 2019.
-MetService- pic.twitter.com/zKyCWhf4rk
ދެކުނާއި މެދުތެރޭގެ އެކިހިސާބާށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި، ދެނުނާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.




