ހަނިމާދޫ އެއާރޕޯޓް "އަސްލު އިންޓަނޭޝަނަލް" އެއާރޕޯޓަަށް ހެދުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް އެކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕުރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓް "އަސްލު އިންޓަރނޭޝަނަލް" އެއާރޕޯޓަކަށް ހެދުމުގެ މަސައްކަތް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރޭއިން އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމަށެވެ.
"މިއަހަރު ނިމެންވާއިރަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓް "އަސްލު އިންޓަރނޭޝަނަލް" އެއާރޕޯޓަކަށް ހެދުމަށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ތެރޭއިން ފެށިގެންދާނެ. މިހާރު އެޕްރޮޖެކްޓް އެޕްރޫވްވެގެން އިންޑިޔާގެ އެއާއިބެހޭ ފެސިލިޓީ ރިޕޯޓް ހެދުމަށް މިވަނީ ބަޔަކާއި ހަވާލުކުރުމުގެ މަގުމަތީގައި، ކުރިއަށްއޮތް ހަފްތާއެއްހާއި ދުވަސްތެރޭގައި އެކަން ވެގެންދާނެ" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބުރިޖުވެސް ޕޯޓުވެސް ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި އަޅާ ނިމޭނެ ކަމަށެވެ.
“މިއަހަރުގެ ފަހުކޮޅުގައި ޕޯޓުގެ ކޮންޓެކްޓު އެވޯޑުކޮށް ނިމޭނެ މިހާރުވެސް އޭގެމަސައްކަތް ކުރިޔަށް އެބަދޭ އެގްޒިމް ބޭންކާ އެއްކޮށް އަދި މިއަންނަ އަހަރުގެ ކުރީކޮޅުގައި، ޖެނުއަރީ ފެބްރުއަރީ ހިސާބުގައި އަޅުގަނޑު އުންމީދު ކުރަނީ ބުރިޖުގެ މަސައްކަތް ފެށިގެންދާނެ ކަމަށް” މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މިސަރުކާރުން އިއުލާން ކޮށްފައިވާ އެންމެ ބޮޑު ޕުރޮޖެކްޓް މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބުރިޖުގެ މަސައްކަތުގެ އަޕްޑޭޓް މިނިސްޓަރ ފައްޔާޒު ދެެއްވައިފައި މިވަނީ މި ޕުރޮޖެކްޓް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރު 7.7 ބިލިއަން ރުފިޔާގެ ޕެކޭޖެއް ދޭން އިންޑިއާގެ ސަރުކާރުން ނިންމައިފައި ވަނިކޮށެވެ.



