ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަދަންޖެހޭ ގަވާއިދު މުއްދަތު ހަމަވުމުގެ ކުރިން ހަދާފައި ވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އޭސީސީން މިހެން ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދެއް ނަހަދާ ކަމަށް ބުނެ، އަމިއްލަ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވުމާއި ގުޅިގެންނެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނު ގައި ވާގޮތުން ތަހުގީގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ތިން މަސް ތެރޭގައި ހަދަން ޖެހެއެވެ. ނަމަވެސް، އާންމު ފަރާތަކުން ވަނީ އެ ގަވާއިދު ނުހަދާ ކަމަށް ބުނެ މަޖިލިހަށް މައްސަލަ ހުށަހަޅައިފައެވެ.
އޭސީސީން ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ގާނޫނު ވުޖޫދުވުމުގެ ކުރީން އެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުން ދިޔަ އިޖުރާއަތުތައް ލިޔެވިފައިވާނީ 23 ޑިސެމްބަރ 2010 ގައި ގެޒެޓްކުރެވުނު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދުގައި ކަމަށެވެ.
އަދި ޖިނާއީ އިޖުރާތުގެ ގާނޫނު ވުޖޫދުވުމަށްފަހު، އެ ގަވައިދުގެ ދަށުން ހަދަން ތަހުގީގުކުރުމާގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާތީ، ކުރީގައި ތަހުގީގުކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާންމު ގަވައިދު އުވާލައި، މުޅިން އާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އާންމު ގަވާއިދު 18 އެޕްރީލް 2017 ގައި އަމަލު ކުރަން ފެށުނު ކަމަށެވެ.
ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތް ކަމަށް ބުނުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބަޔާނުގައިވެއެވެ.




