5 ރަށަކުން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީން ވިދާޅުވީ ފަސް ރަށެއްގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
އެޗްއީއޯސީން ވިދާޅުވީ، އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ، ނ، މިލަދޫއިން 22 އަހަރުގެ އަންހެނަކާއި، އދ. މާމިނގިލިން 6 އަހަރުގެ ކުޑަ ފިރިހެންކުއްޖަކާއި، ކ. މާފުށިން 29 އަހަރުގެ ފިރިހެނަކާއި، ފ.ނިލަންދޫއިން 4 އަހަރުގެ ކުޑަ ފިރިހެންކުއްޖަކާއި، އަދި ރ. ހުޅުދުއްފާރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ހުޅުދުއްފާރުން ރޭ ވަނީ، 44 އަހަރުގެ އަންހެނެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ހުޅުދުއްފާރުގެ ހެލްތް ސެންޓަރުން މި ނޫހަށް މައުލޫމާތު ދިންގޮތުގައި، ރޭ އެ ރަށުން ޕޮޒިޓިވްވެފައިވަނީ އެއްގެއެއްގައި ހޯމް ކަރަންޓީނުގައި ހުރި ދެމަފިރިންނެވެ.
މީހުން ޕޮޒިޓިވްވެފައިވާ ރަށްތަކުގެ ތެރެއިން، ނ. މިލަދޫ، މާމިނގިލި، އަދި މާފުށިން މިއީ މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ފ.ނިލަންދޫ އިން ހޯމް ކަރަންޓީނުގައި ހުރި ދެމީހަކު މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.



