އެއްފަހަރު ކޮވިޑު-19 ޖެހިއްޖެނަމަ ދެވަނަ ފަހަރަށް ނުޖެހޭނެކަމުގެ ހެއްކެއް

އެއްފަހަރު ކޮވިޑު-19 ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރަށް ކައިރި މުސްތަގުބަލެއްގައި ކޮވިޑް-19 ނުޖެހޭނެކަމުގެ ހެއްކެއް ފެނިއްޖެއެވެ.

މިހޯދުން ހޯދިފައިވަނީ އެމެރިކާގެ ސިއާޓަލް ސިޓީއިން މަހަށް ފުރި ބަޔެއްގެ ކިބައިންނެވެ. ސިއާޓަލް އިން މެއިމަހު މަހަށް ފުރި އެމެރިކަން ޑައިނެސްޓީ ބޯޓު އެނބުރި އައި އިރު އެބޯޓުގައި ދަތުރުކުރި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައި ވީނަމަވެސް ތިން މީހަކު ޕޮޒިޓިވު ނުވެ ހުރުމުންނެވެ.

ކަނޑުމަތީގައި 18 ދުވަހަށްވުރެ ގިނަ ދުވަހު ހޭދަކުރުމަށްފަހު މަސްވެރިކަމުން އެނބުރި އައި މި ބޯޓުގައި 122 ފަޅުވެރިން ދަތުރުކޮށްފައި ވެއެވެ. މި ފަޅުވެރިންގެ ތެރެއިން ތިންމީހަކު ފިޔަވައި އެހެން އެންމެންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. ޕޮޒިޓިވުވި ތިންމީހުން ޕޮޒިޓިވުނުވެވަނީ ކީއްވެކަން ބެލެއިރު އިނގިފައިވަނީ މި ތިންމީހުންނަކީ މީގެކުރިން މިބައްޔަށް ޕޮޒިޓިވުވެފައިވާ މީހުން ކަމެވެ.

މިއާއެކު މިހާދިސާ ވެގެން ގޮސްފައިވަނީ، ކޮވިޑް-19 އެއްފަހަރު ޖެހޭ މީހަކަށް ކައިރި މުސްތަގުބަލެއްގައި ދެވަނަ ފަހަރު ނުޖެހޭ ކަމުގެ ފުރަތަމަ ހެއްކެއްގެ ގޮތުގައެވެ. މިއީ މަދުބަޔެއްގެ ތެރެއިން ހޯދިފައިވާ ހޯދުމެއް ނަމަވެސް މި ހޯދުން ވެގެން ގޮސްފައިވަނީ ކޮވިޑް-19 އަށް ވެކްސިން އުފައްދާ ފަރާތްތަކަށް އެ ވެކްސިން ޑިޒައިން ކުރުމުގައި މުހިންމު މައުލޫމާތަކަށެވެ.

ކޮވިޑް-19 މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ފަހުން މުޅި ދުނިޔެއިން މިހާތަނަށް 22,718,030 މީހުންވަނީ މިބައްޔަށް ޕޮޒިޓިވުވެފައެވެ. އަދި މީގެތެރެއިން 793,648 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
23332
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ