ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމި އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ މިއަދު 14:45 އިން ފެށިގެން 18:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ބައެއް ރައްތަކަށް އުދަ އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަދު މުޅިރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށާއި، ނަމަވެސް ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރައްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ރާޅުގެ އުސްމިން 1 ފޫޓައި 3 ފޫޓާއި ދެމެދު ހުންނާނެކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް މަޑުވާނެކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވާއިރު، ވައި ޖެހޭނީ އާއްމުގޮތެއްގައި މަޑުން، އުތުރުގެ އަތޮޅުތަކުގައި ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.



