ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19 ބަލިމަޑުކަމުގެ ވަބާ ދުނިޔެއިން ނެތިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ސްވިޓްޒަލެންޑް ގެ ގެނެވާ ސިޓީގައި ވާހަކަދައްކަމުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، 1918 ވަނަ އަހަރު ދުނިޔޭގައި ފެތުރުނު ނުރައްކާތެރި "ސްޕެނިޝް ފްލޫ" ގެ ބަލިމަޑުކަންވެސް 2 އަހަރެއްހާ ދުވަސް ތެރޭގައި ނިމިގެންދިޔަކަމަށެވެ. އަދި އަދުގ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި، މިއަދު ކުރިމަތިވެފައިވާ މި ބަލިމަޑުކަމުން އަވަހަށް އަރައިގެނެވިދާނެކަމަށްވެސް ޓެޑްރޯސް ވިދާޅުވީއެވެ.
ޓެޑްރޯސް ވިދާޅުވީ، މި ބަލިމަޑުކަން ފަސޭހައިން ފެތުރިގެން ދިޔަނަމަވެސް، ވައިރަސްއިން ރައްކާތެރިވެ މި ބަލިމަޑުކަން ނައްތާލާނެ ޓެކްނޮލޮޖީއާއި އިލްމް އެބަހުރިކަމަށެވެ.
1918 ވަނަ އަހަރު ދުނިޔޭގައި ފެތުރުނު "ސްޕެނިޝް ފްލޫ"ގައި 50 މިލިއަން މީހުން މަރުވިއުރު، މިއަދު ކުރިމަތިވެފައިވާ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގައި މިހާތަނަށް މަރުވެފައިވަނީ ގާގްގަނޑަކަށް އަށް ލައްކައެއްހާ މީހުންނެވެ.



