ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށް އެ މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތު ތަކަކާ ގުޅިގެން މި އޮގަސްޓް މަހުގެ 17، 18 އަދި 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގައި މާލޭގެ ދެ ގެ އަކާއި މައްސަލަތަކާ ގުޅުންހުރި މީހުން ތިބި ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ހޯދާފައިވެއެވެ.
އެގޮތުން އޮގަސްޓް 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު 256 ފުޅި ބަނގުރާ ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
އޮގަސްޓް 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ރެސްޓޯރަންޓެއްގައި ތިބި 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާއިރު، މި މައްސަލައާ ގުޅިގެން އެ ދެ މީހުންވަނީ ހައްޔަރުކޮށްފައެވެ.
އޮގަސްޓް 20 ވަނަ ދުވަހު ދެ އޮޕަރޭޝަނެއް ހިންގާފައިވާއިރު، އޭގެތެރެއިން ފުރަތަމަ އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 45 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ އޮގަސްޓް 20 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަނުގައި، ބޮޑުތަކުރުފާނު މަގު 2 ނަމްބަރު ކުނިކޮއްޓާދިމާ ތޮށިމަތިން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކޮށްފައިވާކަމަށާއި އެގޮތުން އެމީހާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅާއި، އަށް ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.



