އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރަސްތުރާގައި ހުރި އިމާރާތެއް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު އެ އިމާރާތުގެ ދަށުގައި ތާށިވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު ވެއްޓުނު އިމާރާތަކީ ފަސްބުރީގެ އިމާރާތެކެވެ. އަދި މި އިމާރާތުގައި 47 ފުލެޓް ހިމެނެއެވެ.
މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާތަނަށް ވެއްޓުނު އިމާރާތުގެ ދަށުން 28 މީހަކު ސަލާމަތް ކޮށްފައިވާ ކަމަށާއި 70 ވަރަކަށް މީހުން އަދިވެސް އިމާރާތުގެ ދަށުގައި ވާނެކަމަށް ބެލެވޭ ކަމަށެވެ. މީގެތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭ ކަމަށެވެ.
އިމާރާތް ވެއްޓެންދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު އިންޑިއާގައި އިމާރާތްތައް ވެއްޓުމަކީ އާމުކޮށް ހިންގާ ކަމެކެވެ. އަދި މިފަދަ ހާދިސާތައް ގިނަފަހަރަށް ހިނގަނީ އިމާރާތް ކުރުމުގެ ފެންވަރު ދައްވުމުގެ ސަބަބުންނެވެ.
އިމާރާތްތައް ވެއްޓުމާއި މޫސުމާވެސް ވަރަށް ބޮޑު ގުޅުމެއް ވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން އިންޑިއާގައި ހިނގައިފައިހުރި މިފަދަ ހިތާމަވެރި ހާދިސާތައް ގިނައިން ހިނގައިފައިވަނީ ޖޫން މަހާއި އަދި ސެޕްޓެމްބަރު މަހާއި ދެމެދުގެ ދުވަސްތަކުގައެވެ. މިދުވަސްވަރަކީ އިންޑިއާގެ ބޮޑު ހިސާބަކަށް ވިއްސާރަ ދުވަސްވަރެކެވެ.




