މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރުނެތްކަމުގެ ވޯޓަށް ތާއިދުކުރ،ާ ސިޓީ ކައުންސިލުގެ މެމްބަރުން އެމްޑީޕީން ވަކިކުރާނެ ކަމުގެ އިންޒާރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެއްވާފައިވާ ކަމަށް ސިޓީ ކައުންސިލުގެ މެމްބަރުން ވިދާޅުވުމުން އެކަން ރައީސް ނަޝީދު ދޮގު ކޮށްފިއެވެ.
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް، ޝިފާއަށް 10 ދުވަހުގެ މުއްދަތެއް ދިނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އަދި މި މައްސަލައިގެ ވޯޓު ނަގާނީ މިއަދު އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކާއި ހަވާލާދީ "ސަން" އިން ވިދާޅުވީ މިއަދު އެ މައްސަލައިގެ ވޯޓު ނަގަން ހަމަޖެހިފައި ވަނިކޮށް، ކައުންސިލަރުންނާ އިއްޔެ ބައްދަލުކޮށްލަން ރައީސް ނަޝީދު ބޭނުންވާކަމަށް ވިދާޅުވެ އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރާ މީހެއްގެ މެސެޖެއް ލިބުނު ކަމަށާއިި އެ ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކައުންސިލަރުންނަށް ރައީސް ނަޝީދު ލިޔުމެއް ދެއްކެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ލިޔުމުގައި އޮތީ، މޭޔަރާއި ޑެޕިއުޓީ މޭޔަރު ޕާޓީގެ ސްލޮޓެއްގައި ހުއްޓައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެނގޭނީ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި ދެން އެ އުސޫލާ ހިލާފުވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ގައި ޕާޓީން ވަކިކުރުން ހިމެނޭ ކަމަށާއި އަދި ޕާޓީން ވަކިކޮށްފި ނަމަ އިންތިހާބަށް ލިބިފައިވާ ޕާޓީގެ ޓިކެޓު ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ވިދާޅުވެފައި ވެއެވެ.
ނަމަވެސް މިކަން ވަނީ ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ދޮގުކޮށްފައެވެ. ސަން އިން ލިޔެފައިވާ "މާލޭ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓް މިއަދު ނަގަނީ، ނަޝީދުގެ އިންޒާރެެއް" ނަމުގައި ލިޔެފައިވާ ހަބަރަށް ރައްދު ދެއްވަމުން "އަލެކްސް އަހްމަދު" އިން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ހުސް ދޮގު. ހަމަ އެންމެ ތެދެއް ވެސް ނެތީ. މިސާލަކަށް ޖުމްލަ ނިންމާ އެވެ ކަހަލަ އެއްޗެހި ވެސް ހުރީ ދޮގު ކޮށް" އެވެ.
Hus dhogu. Hama enme thedheh ves neythee. Misaalakah, jumla ninmaa eve kahala ehchethi ves huree dhogu koh.
— Alex Ahmed (@anedhivehirajje) August 28, 2020




