ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭމުންދާ ފަސްހާހަށް ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފިކަމުގައި ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިޢުވާން މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅެމުންދިޔަ 5631 މީހަކު ވަނީ މިހާތަނަށް ރާއްޖެއިން ފޮނުވާލައިފައެވެ. އެގޮތުން މި އެންމެންކީވެސް ބަންގްލަދޭޝް ރައްޔިތުން ކަމުގައި އެމިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
"އެހެން ޤައުމެއްގެ ބަޔަކު ފޮނުވާފައެއް ނުވޭއަދި" ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިޢުވާން ވިދާޅުވިއެވެ.
އެމިނިސްޓްރީން މިކަން ހާމަކުރައްވާފައިވާއިރު މިއަދު ވެސް ވަނީ ބަންގްލަދޭޝްގެ 200 ރައްޔިތަކު އަނބުރާ ޤައުމަށް ފޮނުވާލައިފައެވެ.
ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންވެސް އަންނަނީ ފޮނުވާދެމުންނެވެ.
ދިވެހިރާއްޖޭގައި ޤާނޫނަށް ޚިލާފަށް ގިނަ ބިދޭސީންތަކެއް ދަނީ އުޅެމުންނެވެ. އެފަދަ ފަރާތްތައް ހޯދައި ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ގިނަ ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.
ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯދައްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.




