ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވި ބަންގްލަދޭޝްގެ 200 ރައްޔިތަކު މިއަދުވެސް އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.
ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން އިން ދެންމެ ކުރި ޓްވީޓެއްގައިވަނީ ބަންގުލަދޭޝްގެ 200 ރައްޔިތުން މިއަދު އެގައުމުގެ ވެރިރަށް ދާކާ ގެންދެވިފައިވާ ކަމަށް ބުނެފައެވެ.
ރާއްޖޭގައި އެއްވެސް ލިޔެކިއުމެއް ނެތި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ވަނީ ފޮނުވާލާފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ވާކް ވިސާ ނެތި ޤަވައިދާ ޚިލާފަށް އެންމެ ގިނައިން އުޅެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.
200 Bangladeshi nationals repatriated today to Dhaka. @VelanaAirport #Maldivian#NationalAirline?? pic.twitter.com/LwzcSYbovW
— Maldivian (@MaldivianAero) August 28, 2020
ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންވެސް އަންނަނީ ފޮނުވާދެމުންނެވެ.
މިދިޔަ ޖުލައި މަހުގެ 4 ވަނަ ދުވަހާއި ހަމަޔަށް ގަވާޢިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 3269 ބަންގުލަދޭޝް މީހުން ރާއްޖެއިން ބަންގުލަދޭޝް އަށް ފުރުވާލެވިފައި ވާކަމަށް ފޮރިން މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.




