ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން 174،152 ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް އެއްކުރެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހު ފެށުނު މި މަސައްކަތުގެ ދަށުން، މާލެ ސަރަހައްދުގެ އިތުރުން ސިނާޢީ މަސައްކަތްތައް ކުރާ ސަރަހައްދުތަކާއި ޓޫރިސްޓް ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. އަދި މިހާރު ވަނީ ރަށްރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ނެގުމުގެ މަސައްކަތްވެސް ފަށާފައެވެ.
ބަޔޯމެޓްރިކް މަޢުލޫމާތު އަދާހަމަކޮށްފައިނުވާ ބިދޭސީން ގެންގުޅޭ 2،498 ފަރާތެއް މިހާތަނަށް ސިސްޓަމުން ބްލޮކްކުރެވިފައިވާކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ. "މިއީ ވަރަށް މުހިންމު ފިޔަވަޅެއް. ޤަވާއިދާ އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކަށް ދޭ މެސެޖެއް،" ވުޒާރާގެ އިސް ވެރިއެއް ވިދާޅުވިއެވެ.
މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، ރަނގަޅަށް ވަޒީފާ އަދާކުރާ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ދިނުމާއި، ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވުޒާރާއިން ބުނެއެވެ.
ސަރުކާރުން ވަނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒު ހިފާފައެވެ. މިކަމަށްޓަކައި އޮޕަރޭޝަން ކުރަނގީގެ އިތުރުން އެހެނިހެން ޕްރޮގްރާމްތައްވެސް ކުރިއަށްގެންދާކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.



