ކުޅުދުއްފުށީ ކޭސް އާއި ގުޅިގެން މިހާތަނަށް ޓެސްޓްކުރި 24 މީހުން ނަތީޖާވެސް ނެގެޓިވް ކަމަށް ދައްކައިފި އެވެ.
ހދ. އަތޮޅަށް ކަނޑައަޅާފައި ހުންނަ ކޮވިޑް ފޯކަލް އޮފިޝަލު މިނޫހަން އެކަން ކަށަވަރުކޮށްދީފައިވާއިރު، މި24 މީހުންގެ ތެރޭގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ ނުހިމެނޭކަމަށްވެސް ވިދާޅުވިއެވެ. ކުއްޖާގެ މަންމައާއި ބައްޕަގެ ސާމްޕަލް ނަގާފައިވަނީ މާލެއިންނެވެ. އަދި އެމީހުންގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވި ކުއްޖެކެވެ.
ކުޅުދުއްފުށީ ކޭސްއާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 60 މީހެއް މިހާތަނަށް ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހޮސްޕިޓަލްގެ ތިން މުވައްޒަފަކުވެސް ހިމެނެ އެވެ. ކޮވިޑް ފޯކަލް އޮފިޝަލު ވިދާޅުވީ މިހުރިހާ އެންމެންވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ.
އަދި މިއަދު ނަތީޖާ ނެގެޓިވް 24 މީހުން އިތުރު 14 ދުވަހަށް ކަރަންޓީނު ކުރެވޭނެކަމަށާއި، އެއަށްފަހު އެމީހުންގެ އިތުރު ޓެސްޓެއް ހަދާނެކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ، އުމުރުން ހަތް އަހަރުގެ ކުޅުދުއްފުށީ ފިރެހެން ކުއްޖެކެވެ. އަދި މިކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވުވިކަން އިނގިފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމުގެ ކުރިން ނެނގި ސާމްޕަލުންނެވެ. މި ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ ޗާޓަރު ފްލައިޓެއްގައި އިއްޔެ އެވެ.
މިއާއެކު ކުޅުދުއްފުއްޓަށް އަރައި ފޭބުން މަނާކޮށް ރަށް މިހާރުވަނީ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން މޮނިޓަރިންނަށް ލައިފައެވެ.