ކެނެޑާގެ އެންމެ ފުރަތަމަ ބޮޑުވަޒީރު ރަމްޒުކޮށްދިނުމަށް ބަހައްޓާފައިހުރި ބުދު ވައްޓާލައިފި

ކެނެޑާގެ އެންމެ ފުރަތަމަ ބޮޑުވަޒީރު ސަރ ޖޯންއޭ މެގްޑޮނަލްޑް ރަމްޒުކޮށްދިނުމަށް ބަހައްޓާފައިހުރި ބުދު ވައްޓާލައިފިއެވެ.

ކެނެޑާގެ މޮންޓުރިއާލް ސިޓީގައި ބަހައްޓާފައިހުރި މި ބުދު ވައްޓާލައިފައިވަނީ ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް އެއްވެ މުޒާހަރާ ކުރަމުން ދިޔަ ބަޔެކެވެ.

ސަރ ޖޯންއޭ މެގްޑޮނަލްޑް އަކީ ކެނެޑާގައި 19 އަހަރު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ސަރ ޖޯންއޭ މެގްޑޮނަލްޑް ބޮޑުވަޒީރުކަން ކުރައްވައިފައިވަނީ 1860 އިން 1890ގެ އަހަރުތަކުގެ ތެރޭގައެވެ.

ސަރ ޖޯންއޭ މެގްޑޮނަލްޑް ފާހަގަ ކޮށްލެވެނީ ކެނެޑާ ބިނާކުރެއްވި އެންމެ އިސް ލީޑަރުގެ ގޮތުގައެވެ. ނަމަވެސް ކެނެޑާގެ އަސްލު ވަޒަންވެރިންނާއި ދެކޮޅަށް ހިނގައިފައިވާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ސަރ ޖޯންއޭ މެގްޑޮނަލްޑްގެ ގައުމު ބިނާކުރުމުގެ މަސައްކަތްޕުޅުތަކަށްވަނީ ހިޔަނި އެޅިފައެވެ.

މައުލޫމާތު ލިބޭގޮތުގައި ސަރ ޖޯންއޭ މެގްޑޮނަލްޑް ރަމްޒުކޮށްދިނުމަށް ބަހައްޓައިފައި ހުރި ބުދު ވައްޓާލައިފައި މިވަނީ އެ ބުދު ނެގުމަށް އެދި ޕެޓިޝަނެއް ތައްޔާރު ކުރަމުން ދަނިކޮށެވެ.

ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު ކުރެވެމުންދާ މުޒާހަރާ ތަކުގައި މިފަދަ ތާރީހް ލީޑަރުން ރަމްޒު ކޮށްދިނުމަށް ބަހައްޓާފައިވާ ގިނަ އަދަދެއްގެ ބުދުތަކެއް އަންނަނީ ވައްޓާ ބިމާ ހަމަކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ