އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވީ މީހުންގެ އަދަދު 6 މިލިއަނުން މައްޗަށް

އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވީ މީހުންގެ އަދަދު 6 މިލިއަނުން މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ ދުނިޔޭގެ ތަފާސްހިސާބު ގެނެސްދޭ ވޯލްޑް މީޓަރ ވެބްސައިޓުގައިވާ ގޮތުން އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 6,180,371 އަރައިފައެވެ. މިއީ މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ހަތަރުބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑަށް ކުރި އެމެރިކާއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދުއުޅެނީ، 187,365 ގައެވެ. އަދި މިބަލިން މިހާތަނަށް އެމެރިކާއިން ރަނގަޅުވި މީހުންގެ އަދަދަކީ 3,425,938 އެވެ.

އެމެރިކާގައި މިވަގުތު އެކްޓިވް ކޭސަސްގެ އަދަދު 2,567,068 ގައި އުޅޭއިރު މީގެތެރެއިން 15,996 މީހުންވަނީ ސީރިއަސް ހާލަތުގައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމަކީ ޗައިނާ ނަމަވެސް މިބަލި ފެތުރުން ކޮންޓުރޯލް ކުރުމުގައި ޗައިނާއިންވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. މިއާހިލާފަށް އެމެރިކާގައި މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް ސިއްހީ އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ބޯލަބަމުންދަނީ މަދު ބަޔެކެވެ.

މުޅި ދުނިޔޭގެ ކޮވިޑް-19ގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު މުޅި ދުނިޔެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ، 25,454,491 އެވެ. މިބަލިން ރަނގަޅުވި މީހުންގެ އަދަދު 17,762,131 ގައި އުޅޭއިރު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 851,683 އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ