ވިލިނގިލީގައި ހިނގާދިޔަ ކަންތައް އިތުރަށްބަލައި ފިޔަވަޅު އަޅަނީ

ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ގއ. ވިލިނގިއްޔަށް ނޭރުވި މައްސަލަ އިތުރަށް ބަލާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި މެދު ތަފާތު ގޮތަކަށް އަމަލު ނުކުރުމަށް މީގެ ކުރިންވެސް އިލްތިމާސް ކޮށްފައިވާނެ ކަމަށާއި، މިއަދު ގއ. ވިލިނގިލީގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން އެކަން ހިނގާދިޔަގޮތް ބަލައި ރިޕޯޓެއް ތައްޔާރު ކުރާނެކަމަށެވެ. އަދި އެކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.

ޑރ.ނަޒްލާ މިހެން ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވި މީހުން ގއ.ވިލިނގިއްޔަށް އެރުވުމަށް އެރަށު މީހުން ހުރަސް އެޅުމުން އެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ގއ. ވިލިނގިލީގައި ހިނގައިދިޔަ ކަންކަމަށް ބަލާ އިރު، މިއީ ބަލި މީހާގެ އާއިލާއަށާއި ބަލި މީހާ އަށް ނިކަމެތިވާނެ ކަމެއް. ސިއްހީ ފަރުވާ ނުލިބި ލަސްވުމަކީ އެތައް ގޮންޖެހުމަކާ ކުރިމަތިވާނެ ކަމެއް." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ގއ. ވިލިނގިއްޔަށް ނޭރުވުމުން ވަނީ މިއަދު ހަވީރު މާލެ ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ