ލުއިސް އެންރީކޭ.....

ސްޕެއިންގެ ޒުވާން ހުނަރާއެކު އެންރީކޭ ހުރީ އުފަލުން!

މިދިޔަ އަހަރުގެ ފަހުކޮޅު އަލުން ސްޕެއިން ގައުމީ ޓީމާ ހަވާލުވި ލުއިސް އެންރީކޭ، ސްޕެއިންގެ ޒުވާން ކުޅުންތެރިން ބޭނުންކޮށް އެކުޅުންތެރިންގެ ހުނަރުތަކުގެ ބޭނުން ހިފަން ތައްޔާރަށް ހުރިކަމަށް ބުނެފިއެވެ.

މިރޭ އޮންނަ ޔޫއެފާ ނޭޝަންސް ލީގު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ސްޕެއިންގެ ޒުވާން ކުޅުންތެރިންވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައިކަމަށާއި، އެކުޅުންތެރިން ބޭނުންކޮށް އޭގެ ފައިދާ އޭނާ ނަގަންޖެހޭކަމަށެވެ.

ސްޕެއިން ޓީމުން އަލަން ފެނިގެންދާ ޒުވާން ކުޅުންތެރިންގެ ތެރޭގައި ސާޖިއޯ ރެގުއިލަން އަދި ފެރަން ޓޮރެސްގެ އިތުރުން އަންސޫ ފާޓީ ހިމެނެއެވެ. މީގެއިތުރުން އެޑަމާ ހިމެނޭއިރު ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވެފައިވާތީ މިރޭގެ މެޗުން އޭނާ ނުންނާނެއެވެ.

އަދި ސްޕެއިންގެ ޤައުމީ ޓީމުގައި މިހާރުވެސް ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހުރިކަމަށާއި، ޒުވާން ކުޅުންތެރިންނަށް އޭނާގެ ޓީމުން އަބަދުވެސް ފުރުޞަތު އޮންނާނެކަމަށްވެސް އެންރީކޭ ބުންޏެވެ.

ސްޕެއިނުގައި ފަހަކަށް އައިސް ދުވަސްވީ ކުޅުންތެރިން ގިނަ އަދަދަކަށް ކުޅުނު ކަމަށާއި އެ މަގާމުތަކަށް ބަދަލެއް ހޯދަން ކުރި މަސައްކަތްތަކުގެ ކުރިއެރުން މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ، ޓީމުގައި ޒުވާން ހުނަރުތައް ހިމެނުމުގެ މަޤްސަދަކީ މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގާއި ކުރިއަށް އޮތް ޔޫރޯއަށް ވަރުގަދަ ޓީމެއް އުފެއްދުންކަމަށެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ސްޕެއިން ނުކުންނާނީ ވަރުގަދަ ޖަރުމަނާއި ދެކޮޅަށެވެ. އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 11:45 ގައެވެ.

ޖަރުމަނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ޖަރުމަނަކީ ޔޫރަޕުގެ ވަރުގަދަ ބާރެއްކަމަށާއި، 2021 ޔޫރޯގެ ފެވަރިޓުންގެ ގޮތުގައި ޖަރުމަނު ޓީމު ހިމެނޭކަމަށެވެ. އަދި  ރަސްމީ މެޗުތަކުގައި ޖަރުމަނާ ދެކޮޅަށް އަބަދުވެސް ނުކުންނަން ބޭނުންވާކަމަށް އެންރީކޭވަނީ ބުނެފައެވެ.

ޔޫއެފާ ނޭޝަންސް ލީގު އޭ ގެ ގްރޫޕް 4 ގައި ސްޕެއިން އާއި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ސްވިޒަލޭންޑާއި ޔޫކްރޭންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ