ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން އިތުރު 81,620 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އިތުރު 1,045 މަރު ވެއްޖެއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 81,620 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ.
އިންޑިއާ އަކީ މިދިޔަ 24 ގަޑިއިރު ތެރޭގައި ދުނިޔެއިންވެސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ޤައުމެވެ. އިތުރު އެތައް ހާސް ބަޔަކު ޕޮޒިޓިވްވެ އިންޑިއާގެ ހާލަތު ގޯސްވެފައި ވާއިރު، އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4,014,744 އަށް އަރާފައެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވި މީހުންގެ ތެރެއިން 3,101,245 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 843,885 މީހަކަށެވެ. މީގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.
މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އިންޑިއާއަކީ ކޮވިޑް-19 މިވަގުތު އެންމެ ހަލުވި ކަމާއެކު ފެތުރެމުން އަންނަ އެއް ގައުމެވެ. ޖުމްލަ ޕޮޒިޓިވުވީ މީހުންގެ އަދަދަށް ބަލާއިރު އިންޑިއާ އޮތީ ލިސްޓުގެ ތިންވަނައިގައި އެމެރިކާ އަދި ބުރެޒިލްގެ ފަހަތުންނެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ބަލިމީހަކު ފެނިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.



