ގަދަ ވަޔާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.
މިއަދު ހެނދުނު 07:00 އިން މެންދުރު 12:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
White Alert for Heavy rain, thunderstorms and gust winds. pic.twitter.com/tHdwPxwGHj
— Maldives Meteorology (@MetMaldives) September 5, 2020
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ،ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަ ވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
"ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ. ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން." މެޓް އޮފީހުން ވިދާޅުވިއެވެ.



