މުޅު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުން ޕޮސިޓިވް ވެފައިވާ ޤައުމަކަށް އިންޑިއާވެ ބިރުވެރިކަން އިތުރުވެއްޖެއެވެ.
ގާތްގަނޑަކަށް 80 ހާހާއި 90 ހާހާއި ދެމެދުގެ އަދަދަކަށް ކޮންމެ ދުވަހަކު އިންޑިއާގައި ޕޮސިޓިވް ކޭސްތައް ރިޕޯރޓް ކުރަމުންދާއިރު މިއީ އެމެރިކާގައި ދުވާލަކު ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓް ކުރާ އަދަދާއި ބަލާފައި މާ މަތީ އަދަދެކެވެ.
އިތުރު އެތައް ހާސް ބަޔަކު ޕޮސިޓިވްވެ އިންޑިއާގެ ހާލަތު ގޯސްވެފައިވާއިރު މިހާތަނަށް ޖުމްލަ 4,204,613 މީހުންނަށް މިވައިރަސް ޖެހިފައިވާއިރު 71,687 މީހަކު މިވަނީ މި ވައިރަހުގެ ސަބަބުން އިންޑިއާގައި މަރުވެފައެވެ. އިންޑިއާގައި ނުރައްކާތެރި ދަރަޖައަކަށް ކޮވިޑް-19 ފެތުރެމުން ދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދުނިޔޭގައި ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނަ ގައުމެއްގެ ގޮތުގައި އަދިވެސް އެމެރިކާ އޮތްއިރު ކޮވިޑް-19 ގެ ސަބަބުން މަރުވި މީހުންގެ އަދަދުވެސް މިހާތަނަށް އެންމެ ގިނައީ އެމެރިކާގައެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލްކޮށް މަދު ކުރުމުގެ ފުރުސަތު އިނޑިއާއަށްވުރެ އެމެރިކާއަށް ބޮޑުކަމަށް ރިޕޯޓް ތައް ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ހާލަތު މިހާރަށްވުރެ ގޯސްވެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮސިޓިވެވެ، މި ވައިރަހުގެ ސަބަބުން އިނޑިއާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމަށް ލަފާކުރެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްްއެއް ފެނިފައިވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.



