ދައުލަތުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓަމުން އަންނަ މަރުކަޒުގައި ހުރި މީހަކު ނިޔާވެއްޖެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ބަލަހައްޓަމުންދާ ޖެންޑާ މިނިސްޓްރީން ވިދާޅުވީ، ނިޔާވީ ފިރިހެނެއް ކަމަށާއި، އެއީ އުމުރުން ދުވަސްވުމުގެ ސަބަބުން ނިޔާވި މީހެއް ކަމަށެވެ. އަދި އެއީ "ގުދުރަތީ މަރެއް" ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކ.ގުރައިދޫގައި ހުންނަ މަރުކަޒުގައި ދިރިއުޅެމުން ދިޔަ އުމުރުން 63 އަހަރުގެ ނަފްސާނީ ބަލި މީހަކު މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައި ވަނީ ޤުދުރަތީ މަރަކުންނެވެ.
— Ministry of Gender, Family and Social Services (@MoGFSSmv) May 25, 2019
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ހުރި މީހަކު ނިޔާވުމާއި ގުޅިގެން އެ ކޮމިޝަންގެ ރެޕިޑް ރެސްޕޯންސް ޓީމް (އާރްއާރްޓީ) އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެޗްއާރްސީއެމް އިން މިހާދިސާ ހިނގާފައިވާ ގޮތް ބަލަނީ ބެލެވޭ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ނިޔާވުމުން އާއްމު ގޮތެއްގައި އެކަން ހިނގާފައިވާ ގޮތް ބަލާ އުސޫލުންނެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ހުރި މީހަކު މިދިޔަ މާޗް މަހު ވެސް ނިޔާވި އެވެ.




