މުޅި ދިވެހިރާއްޖޭގައި ކޮވިޑް-19 ނެތްކަމަށާއި، ކޮވިޑްނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއަރުން ޖެހޭކަމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ސަންގް ޓީވީން ރޭ ގެނެސްދިން ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ މާލެއަކީ ހަމައެކަނި ދިވެހި ރާއްޖެއެއް ނޫންކަމަށާއި ރައްޔިތުންގެ މި ވިސްނުން ބަދަލުކުރަންޖެހޭ ކަމަށެވެ.
"މުޅި ދިވެހިރާއްޖެއަކު ކޮވިޑްއެއް ނެތް، ކޮވިޑް ފްރީ ސަރަހައްދުތަކެއް އެބެއް" ބޮންޑޭ ވިދާޅުވެފައިވެއެވެ. ބޮންޑޭ ވިދާޅުވީ ކޮވިޑް ފްރީ ސަރަހައްދުތައް ޕްރޮމޯޓްކޮށް އެސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރަންވީ ކަމަށާއި، އެސަރަހައްދުތަކަށް ސީދާ ޖެޓް ޖައްސާ ވިޔަފާރިކޮށް ފަތުރުވެރިންނަށް އުޅެވެންޖެހޭކަމަށެވެ.
ކޮވިޑްއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރިސޯޓްތައް ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރު ހުޅުވާލުމުން ބައެއް ރިސޯޓްތައް ވަނީ ހުޅުވާފައެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ރާއްޖޭގެ ގިނަ ރިސޯޓްތަކެއް މިއަހަރުގެ އޮންޓޫބަރ އާއި ހިސާބަށް ހުޅުވޭނެކަމަށް ލަފާކޮށްފައި އޮތްނަމަވެސް، ރިސޯޓްތައް ހިންގަވާ ބައެއް ފަރާތްތަކުން ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީއަށްވެސް ރިސޯޓްތައް ހުޅުވުން ލަސް ކުރަންޖެހިދާނެކަމަށެވެ.
ބޮންޑޭ ވިދާޅުވެފައިވަނީ މާލެ ތޮއްޖައްސައިގެން އުޅުމުގެ ބަދަލުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓްވަރިޒަމް ކުރިއެރުވޭނެ ގޮތަކަށް ކަންތައް ކުރަންޖެހޭކަމަށާއި މިހާރު ރާއްޖެއަންނަ ޓުވަރިސްޓުންގެ އަދަދު މަދުވިނަމަވެސް އޮކްޓޫބަރުއާއި ހިސާބަށް ދާއިރު ރާއްޖެ ފުލް ވާނެކަމަށެވެ.
"ޖޫން ޖުލައި އަކީ އޮފް ސީޒަން، އޮކްޓޫބަރު ވީމަ ބައްލަވާ ރާއްޖެ ފުލްކޮށް އޮންނާނީ" ބޮންޑޭ ވިދާޅުވެފައިވެއެވެ.
ބޮންޑޭ ވިދާޅުވެފައި ވަނީ ކޮވިޑް ބަލި ގިނަ މީހުންނަށް ވަނީ ކެއްސާފަ ކިނބިއެޅުންކަމަށެވެ.



