އުމުރުން 19 މަހުގެ ތުއްތު ކުއްޖަކު މާސްކް ނާޅައި ހުރުމުން ކެނެޑާގެ އެއާލައިނަކާ އެ ތުއްތު ކުއްޖާގެ އާއިލާއާ ދެމެދު އުފެދުނު ދެބަސްވުމުގައި ފުލައިޓު ކެންސަލް ކޮށްފިއެވެ.
އާއިލާގެ ފަރާތުން މީޑިއާ ވާހަކަދެއްކި ތުއްތު ކުއްޖާގެ ބައްޕަ ސަފްވާން ޗައުދަރީ ބުނީ އޭނާގެ 19 މަހުގެ ތުއްތު ދަރިފުޅު މާސްކް އެޅުމަށް ވެސްޓްޖެޓް އެއާލައިންގެ ފުލައިޓް އެޓެންޑެންޓެއް އެންގި ކަމަށާއި ނަމަވެސް އެ ތުއްތު ކުއްޖާ ރޯވަރުން މާސްކް ނޭޅުވުނު ކަމަށެވެ. އަދި މިކަމުގައި އުފެދުނު ދެބަސްވުމުގައި އެ އާއިލާ ފުލައިޓުން ފޭބުމަށް އެންގި ކަމަށެވެ.
ވެސްޓްޖެޓް އެއާލައިނުން ޗައުދަރީގެ ބަސް ދޮގުކޮށް ބުނެފައިވަނީ މައްސަލަ ދިމާވީ 19 މަހުގެ ތުއްތު ކުއްޖާ މާސްކް ނާޅައި ހުރުމުން ނޫންކަމަށާއި ނަމަވެސް އުމުރުން ތިންއަހަރުގެ ކުއްޖާ މާސްކް ނާޅައި ހުރުމުން ކަމަށެވެ.
އެއާލައިނުގެ ބަހަށް ރައްދުދެމުން ޗައުދަރީ ބުނީ، އޭނަގެ ތިންއަހަރަށްދާ ދަރިފުޅު ފުލައިޓުގައި މާސްކް ނާޅައި ހުރީ ފުލައިޓު ނައްޓާލުމުގެ ކުރިން އެއްޗެއް ކާން ހުރުމުން ކަމަށާއި ނަމަވެސް ފުލައިޓް އެޓެންޑެންޓް އައިސް މާސްކް އަޅަން ބުނުމުން އެ ކުއްޖާ މާސްކް އަޅުވައިފައިވާނޭ ކަމަށެވެ.
މީގެއިތުރުން މާސްކުގެ މައްސަލައާއި ގުޅިގެން ފުލައިޓުން ނުފައިބައިފިނަމަ ހައްޔަރުކުރެވި އެއާއިލާ ޖަލަށް ދާންޖެހޭނެ ކަމުގެ ބިރުވެސް އެއާލައިނުން އާއިލާއަށް ދައްކާފައިވާ ކަމަށް ޗައުދަރީ ބުންޏެވެ.
މާސްކުގެ މައްސަލައިގައި އެއާލައިނާ ޗައުދަރީ އާއިލާއާ ޖެހުނު މައްސަލަ ހައްލުކުރުމަށް ފުލައިޓަށް ފުލުހުންވެސްވަނީ އަރާފައެވެ. ފުލުހުން މިމައްސަލައިގައި ބުނެފައިވަނީ ފުލުހުންގެ ފަރާތުން ބޯޓަށް އެރިއިރު ތިންއަހަރުގެ ކުއްޖާ ހުރީ މާސްކް އަޅައިގެން ކަމަށެވެ.
ކެނެޑާގެ ދަތުރުފަތުރާބެހޭ ގަވާއިދު ބުނާގޮތުން ކޮވިޑް-19ގެ ދުވަސްވަރު ދަތުރުކުރާ ދެއަހަރުން މަތީގެ އެންމެންވެސް ފޭސްމާސްކް އަޅަން ޖެހެއެވެ.




