"ކޮވިޑް ހުއްޓުވާނީ އަހަރެން" ޤައުމީ ކެމްޕޭނުގެ ލަވަ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގެ ލަވަ ލޯންޗްކޮށްފި

ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ޤައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފިއެވެ.

މި ލަވަ ރަސްމީކޮށް ލޯންޗްކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޙާލިދެވެ. "ލެޔާ ކަރުނައިން" މި ނަމުގައި ތައްޔާރުކޮށްފައިވާ 11 ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޯވިޑްގެ ހާލަތާއި، ބަލީގެ ނުރައްކަލާއި، އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނާއި، ކެކުޅުން ގެނެސްދީފައިވެއެވެ.

އަދި ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މިހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީއާއި އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި "ގައުމުގެ އިހުސާސް" ވަރަށް ފުރިހަމައަށް ގެނެސްދީފައިވާނެކަމަށް މި ކެމްޕޭންގެ ސްޓިއަރިންގ ކޮމިޓީން ވިދާޅުވެފައިވެއެވެ.

މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ހައްދަވާފައިވާ މި ލަވަ، ކިޔުއްވާފައި ވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ. ލަވައިގެ މިއުޒިކު ހައްދަވާފައި ވަނީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.

ވަކި މުއްދަތެއް ނެތްގޮތަށް ކުރިއަށްގެންދާ މިކެމްޕެއިނަކީ މިހާ ގިނަ މީޑިއާތަށް ގުޅިގެން މިހާ ބޮޑުކޮށް ރާއްޖޭގައި ފެށި ފުރަތަމަ ކެމްޕެއިންއެވެ.

މިމަހުގެ ފުރަތަމަ ދުވަހު މިކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިކެމްޕޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، “ކޮވިޑް-19” ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، “ކޮވިޑް ހުއްޓުވާނީ އަހަރެން” މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން، އިފްތިތާޙު ކޮށްދިނުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މިއީ ރާއްޖެ މިހާރު އޮތް ޙާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕެއިނެއް ކަމަށާއި މިފަދަ މުހިންމު ޤައުމީ މަސައްކަތެއް ފެށްޓެވި ކަމަށްޓަކައި، މި ކެމްޕެއިންގެ ސްޓިއަރިންގ ކޮމިޓީގެ ބޭފުޅުންނަށާއި، މިކެމްޕެއިންގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން ރައީސް ފައްޓަވައި ދެއްވައިފި

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ