މަސައްކަތެއްކުރަން ވެރިރަށް މާލެއިން ދިޔަ ބަކާއެކު، ހއ. އިހަވަންދޫން 7 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އިހަވަންދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ މުހައްމަދު އަކްރަމް މިނޫހަށް އެކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވާ 7 މީހުންގެ ތެރޭގައި ހިމެނެނީ އެރަށު ސްކޫލްގައި ކުރިއަށްދާ އިމާރާތެއްގެ މަސައްކަތް ކުރުމަށް މާލެއިން ގޮސް އުޅޭ ހަ ބިދޭސީންނާއި، އެރަށު ހޯމް ކަރަންޓީނުގައި ހުރި ދިވެއްސެއްކަމަށެވެ.
އަކްރަމް ވިދާޅުވީ، އެރަށަށް މަސައްކަތު އައިސް އުޅޭ މީހުން ހޯމް ކަރަންޓީނުގައި ތިބެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލާ އެއްގޮތަށް ސްކޫލްގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރޭގަނޑު 1800 އިން ފެށިގެން 2300 އަށް އެމީހުންގެ މަސައްކަތް ކުރިއަށްދާއިރު، މަސައްކަތްކުރާ ސައިޓަށް ގޮސް، މަސައްކަތް ނިމުމުން އެނބުރި އުޅޭތަނަށް އަންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އަދި ޕޮޒިޓިވްވި ކަން އެނގުނު ފަހުން އެމީހުންގެ މަސައްކަތް މެދުކަނޑާލާފައިވާއިރު، މިހާރު އެމީހުން ތިބީ ރަށުގެ ރަށްވެހިގޭގައި ކަރަންޓީނުގައިކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، އެމީހުންގެ އިތުރު ކޮންޓެކްޓެއް ނުވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
މި ކޭސްތަކާއި ގުޅިގެން އެރަށުގައި ރައްކާތެރި ފިޔަވަޅުތައް އެޅުމަށް މިހާރު ވަނީ ނިންމާފައެވެ.
މީގެކުރިންވެސް ފަސް މީހަކު އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އިހަވަންދޫން ފުރަތަމަ ކޮވިޑުގެ ކޭސް އެއް ފެނިފައިވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ މާލެއިން ފުރާގެން އިހަވަންދޫއަށް އައި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ.




