އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހޭރީ އާއި މޭގަން މާކެލް، ޝަހީ ޒިންމާތަކުން، ވަގުތީ ގޮތުން މިހާރު އެއްފަރާތްވެފައިވާއިރު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޝާހީ އާއިލާގެ ލަޤަބުވެސް މި ދެކަނބަލުން ވަނީ ދޫކޮށްލާފައެވެ. އަދި ޝާހީ އާއިލާގެ ލަގަބުތަކާއި މަސައްކަތްތަކުން އެއްކިބާވެ، ޝާހީ އާއިލާއާ ވަކިވުމަށް ފަހު ހޮލީވުޑް ޕްރޮޖެކްޓެއް އުފެއްދުމަށް މިސްރާބުޖަހާފައިވާކަމަށް ޙަބަރުތައް ފެތުރުނެވެ.
އެގޮތުން، ނެޓްފްލިކްސް އާއިއެކު މި ދެމީހުން ބޮޑު ޑީލްއެއްގައި ސޮއިކުރުމާއެކު، ގިނަ ބަޔަކަށް ހީވެފައިއޮތީ މޭގަން އެނބުރި އަލުން އެކްޓް ކުރަން ފަށަނީކަމަށެވެ. ނަމަވެސް، ނެޓްފްލިކްސްގެ ސީއީއޯ، ރީޑް ހޭސްޓިންގްސް ހާމަކުރިގޮތުގައި، އެ ޑީލްއަކީ އެކަހަލަ ޑީލެއް ނޫނެވެ. އަދި އެ ދެމީހުން މަސައްކަތް ކުރާނީ ޕްރޮޑިއުސަރުންނަށް ނުވަތަ އުފެއްދުންތެރިންގެ ގޮތުގައި ކަމަށް ސީއީއޯ ބުނެފައިވެއެވެ.
ޕްރިންސް ހެރީ އާއި ކައިވެނި ކުރުމުގެ ކުރިން މޭގަން އަކީ ހޮލީވުޑްގެ މަޝްހޫރު ތަރިއެކެވެ. އެގޮތުން މިހާރު ނެޓްފިލްކްސްއިންވެސް ދައްކަމުން އަންނަ ކާމިޔާބު ޝޯ "ސޫޓްސް" ގައި މޭގަން މުހިއްމު ރޯލެއް އަދާކޮށްފައިވެއެވެ.




